މުއައްސަސާގެ ބިންގާ: ޖިބްރާންގެ "ޕިޓީ ދަ
ނޭޝަން" އިން ލިބޭ ފިލާވަޅުތައް
ޚަލީލް
ޖިބްރާންގެ "ޕިޓީ ދަ ނޭޝަން" (ޤައުމާމެދު ހިތާމަހުރި) އަކީ ހަމައެކަނި
އަދަބީ ޅެމެއް ނޫނެވެ. މިއީ މުޖުތަމައުތަކުގެ އަމިއްލަ އަޑާއި، އަގުތަކާއި، އަދި
އެއްބައިވަންތަކަން މަޑުމަޑުން ބަލިކަށިވަމުންދާ ދިއުމުގެ މައްޗަށް
އަލިއަޅުވާލާފައިވާ ފުން މާނައެއް އެކުލެވޭ ލިޔުމެކެވެ.
Pity the nation that is full of beliefs and empty of religion.
Pity the nation that wears a cloth it does not weave,
eats a bread it does not harvest,
and drinks a wine that flows not from its own winepress.
Pity the nation that acclaims the bully as hero,
and that deems the glittering conqueror bountiful.
Pity the nation that despises a passion in its dream,
yet submits in its awakening.
Pity the nation that raises not its voice
save when it walks in a funeral,
boasts not except among its ruins,
and will rebel not save when its neck is laid
between the sword and the block.
Pity the nation whose statesman is a fox,
whose philosopher is a juggler,
and whose art is the art of patching and mimicking.
Pity the nation that welcomes its new ruler with trumpeting,
and farewells him with hooting, only to welcome another with trumpeting
again.
Pity the nation whose sages are dumb with years
and whose strong men are yet in the cradle.
Pity the nation divided into fragments,
each fragment deeming itself a nation.
މިއީ ތިމާގެ އަމިއްލަވަންތަކަން ހަނދާން ނެތިފައިވާ ޤައުމެއްގެ ތަސްވީރެވެ. އެތަނެއްގައި ވަރުގަދަ އަޑުތައް ހިމޭންކަމަށް ބަދަލުވެ، ލީޑަރޝިޕަކީ ހަމައެކަނި ދެއްކުންތެރިކަމަކަށް ވެފައިވާ ތަނެކެވެ. އަދި ރައްޔިތުންނަކީ ކަންކަމާ ސުވާލުކުރުމުގެ ބަދަލުގައި، ކޮންމެ ކަމެއްގައިވެސް ކަނުކަމާއެކު ތަބާވާ ބަޔަކަށް ވެފައިވާ ތަނެކެވެ.
މި ޅެމުގެ މާނަ ތިރީގައި ހިއްސާކޮއްލާނަމެވެ:
Ø ހިތާމަހުރީ
އެ ޤައުމަކަށެވެ؛ އެތަނެއްގައި ތަފާތު ގަބޫލުކުރުންތަކުން ފުރިފައިވީ ނަމަވެސް،
ދީނީ ހަގީގީ އަސްލުތަކާއި މާނަތަކުން މަހްރޫމްވެފައިވާ ޤައުމަށެވެ.
Ø ހިތާމަހުރީ
އެ ޤައުމަކަށެވެ؛ އަމިއްލައަށް ނުވިޔާ ފޭރާމެއް ލައިގެން، އަމިއްލައަށް ގޮވާން
ނުކުރާ ކާނާއެއް ކައިގެން، އަދި އަމިއްލަ މަސައްކަތުން ނުއުފައްދާ ބުއިންތަކެއް
ބޮއެގެން އުޅޭ ޤައުމަށެވެ.
Ø ހިތާމަހުރީ
އެ ޤައުމަކަށެވެ؛ އަނިޔާވެރި ގަދަބަސްބުނާ މީހާ އަކީ ބަތަލެއް ކަމުގައި ދެކޭ، އަދި
ބޭރުފުށުގެ ދަޅަތަކުން ހެއްލުންތެރިވާ ފަތަހަވެރިންނަކީ ދީލަތި ބައެއް ކަމަށް ބަލާ
ޤައުމަށެވެ.
Ø ހިތާމަހުރީ
އެ ޤައުމަކަށެވެ؛ ހުވަފެންތަކުގައި ފެންނަ ޖޯޝާއި ފޯރިއަށް ނަފުރަތުކޮށް، ހޭލާ
ހުންނައިރު ހުރިހާ ކަމަކަށް ބޯލަނބައިގެން ތިބޭ ޤައުމަށެވެ.
Ø ހިތާމަހުރީ
އެ ޤައުމަކަށެވެ؛ ކަށުނަމާދުގެ ހިނގާލުމެއްގައި މެނުވީ އެމީހުންގެ އަޑު
އުފުލައިނުލާ، ވީރާނާވެފައިވާ ތަންތަނުގައި މެނުވީ ފަޚުރުވެރިނުވާ، އަދި ކަތިލަން
ކަރުދިއްކޮށްލާ ހިސާބަށް ކަންކަން ދިއުމުން ނޫނީ އިސްލާހަށް މަސައްކަތްނުކުރާ
ޤައުމަށެވެ.
Ø ހިތާމަހުރީ
އެ ޤައުމަކަށެވެ؛ އެތަނުގެ ސިޔާސީ މީހާއަކީ މަކަރުވެރިއަކަށްވެ،
ފަލްސަފާވެރިޔާއަކީ އޮޅުވާލާ މީހަކަށްވެ، އަދި ފަންނުވެރިކަމަކީ ހަމައެކަނި
ކޮޕީކުރުމާއި ނަކަލުކުރުމަށް ވެފައިވާ ޤައުމަށެވެ.
Ø ހިތާމަހުރީ
އެ ޤައުމަކަށެވެ؛ އައު ވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔައި، އޭނާ
ވަކިވެގެންދާއިރު މަލާމާތާއި ފުރައްސާރަކޮށް، އަދި އަނެއްކާވެސް އައު ވެރިޔަކަށް
ހަމަ އެފަދަ މަރުހަބާއެއް ކިޔާ ޤައުމަށެވެ.
Ø ހިތާމަހުރީ
އެ ޤައުމަކަށެވެ؛ އެތަނުގެ ހިކުމަތްތެރިން ބަސްނުބުނެ ތިބޭއިރު، ވަރުގަދަ ޒުވާނުން
އަދިވެސް ތިބީ ތަންދޮރު ނޭނގޭ ހާލަތެއްގައެވެ.
Ø ހިތާމަހުރީ
އެ ޤައުމަކަށެވެ؛ އެކި ބައިބަޔަށް ބައިބައިވެ، ކޮންމެ ބައެއް އެއީ ވަކި ޤައުމެއް
ކަމަށް ދެކިގެން އުޅޭ ޤައުމަށެވެ.
މި
ޅެމުގެ މާނަ ލިޔެފައިވާ ބަސްތަކަށްވުރެ މާ ފުނެވެ. މިއީ އަންނަނިވި ކަންކަމަށް
މަގުފަހިވެފައިވާ މުޖުތަމައެއްގެ ރިފްލެކްޝަނެކެވެ:
· އަމިއްލަވަންތަކަން
ބިނާކުރުމުގެ ބަދަލުގައި އަބަދުވެސް އެހެން ބަޔަކަށް ބަރޯސާވުން.
· ތެދުވެރިކަމާއި
އިންސާފުގެ ބަދަލުގައި ބާރާއި ނުފޫޒަށް ސަނާކިޔުން.
· ކަންކަން
ހައްދުފަހަނަޅައިދާއިރުވެސް ހަނުހުރުން.
· އެއްބައިވަންތަކަން
ދޫކޮށް، ބައިބައިވުމަށް އިސްކަންދިނުން.
ޖިބްރާން މި ލިޔުމުގައި ހަމައެކަނި ފާޑުކިޔަނީއެއް ނޫނެވެ؛ އޭނާ ދެނީ އިންޒާރެކެވެ. ޤައުމެއް ކުއްލިއަކަށް ހަލާކެއް ނުވެއެވެ. ޤައުމެއް ބަލިކަށިވަނީ ރައްޔިތުން ސުވާލުކުރުން ހުއްޓާލައި، އެކުވެރިކަން ދޫކޮށްލައި، އަދި ކަންކަމާ އަޅާނުލާ ތިބޭ ދަނޑިވަޅުގައެވެ. ހަގީގަތުގެ ބަދަލުގައި އަމިއްލަ އަރާމަށް އިސްކަންދޭން ފެށުމުން، ޤައުމުގެ ބިންގާ ގުދުވާން ފަށައެވެ.
ނަމަވެސް،
މި ހިތާމަވެރި ބަސްތަކުގެ ތެރޭގައި ހޭލުންތެރިވުމަށް ގޮވާލާ ވަރުގަދަ
ގޮވާލުމެއްވެއެވެ.
o
ހަނުހުރުން އާދަޔަކަށް ވުމުގެ
ކުރިން ބަސްބުނުމަށް.
o
ބައިބައިވުން އަމިއްލަ
ސިފައަކަށް ވުމުގެ ކުރިން އެކަތިގަނޑަކަށް ވުމަށް.
o
އަޑުގަދަކުރުމުގެ ބަދަލުގައި،
ހަރުދަނާ އުސޫލުތަކަކާއެކު ކުރިއަށް ދިއުމަށް.
o
ހަނދުމަފުޅު ބަހައްޓަވާށެވެ؛
ޤައުމަކީ އެތަނެއްގެ ވެރިންނެއް ނޫނެވެ، ޤައުމަކީ އެތަނެއްގެ ރައްޔިތުންނެވެ.
ޚަލީލް ޖިބްރާންގެ
"ޕިޓީ ދަ ނޭޝަން" (ޤައުމާމެދު ހިތާމަހުރި) މި ޅެމުގައި އެކުލެވޭ ފުން އިންޒާރުތަކަކީ،
ހަމައެކަނި ޤައުމީ ފެންވަރެއްގައި ނޫން، އާންމު ޚިދުމަތްދޭ މުއައްސަސާތަކުގެ ތެރޭގައިވެސް
ފުންކޮށް ވިސްނާލަންޖެހޭ ކަންކަމެވެ. މި ޅެމުގައި ބަޔާންކޮށްފައިވާ ނުރަނގަޅު ކަންކަމުގެ
ކުރިމަތީގައި ހަނުހުރުމާއި، ގާބިލުކަމެއް ނެތް މީހުންނަށް ދެވޭ ނުބައި ގަދަރާއި، އަދި
އަސްލު އުސޫލުތަކާ ދުރަށް ދިއުމުގެ ސިފަތަކަކީ، ވަގުތުން އިސްލާހު ނުކޮށްފިނަމަ މުއައްސަސާގެ
މާހައުލުގައިވެސް ވަޅުލެވިގެންދާނެ ނުރައްކާތެރި އާދަތަކެކެވެ.
އިޚްލާސްތެރިކަމާއި،
ތެދުވެރިކަމާއި، އަދި ރައްޔިތުންނަށް ޚިދުމަތްކުރުމުގެ މައްޗަށް ބިނާވެފައިވާ ކޮންމެ
މުއައްސަސާއެއްގައިވެސް، ބްލީކުރުމާއި، ނުވަތަ ފަންނީ އަގުވަޒަންނުކުރުން ފަދަ އަމަލުތަކަކީ
އާދައިގެ ކަންކަމަށް ވެއްޖެނަމަ، އެއީ ހިންގުމުގެ ނިޒާމުގައި އޮތް ބޮޑު ގޯހެކެވެ. މިފަދަ
ކަންކަން އަޅާނުލާ ދޫކޮށްލުމަކީ ހަމައެކަނި ގަވާއިދު ތަންފީޒުނުވުމެއް ނޫނެވެ؛ އެއީ
އެތަނެއްގެ ސަގާފަތް ފުނޑުފުނޑުވަމުންދާކަމުގެ ހެއްކެކެވެ. މިއީ ޖިބްރާން ވިދާޅުވި
ފަދައިން، ކަންކަން ހައްދުފަހަނަޅައިދާއިރުވެސް ބަސްނުބުނެ ތިބެފައި، ހުރިހާ ކަމެއް
ބޮއްސުންލުމުން ނޫނީ އަޑުއުފުލަން ނޭނގޭ މުޖުތަމަޢެއްގެ ސިފައެވެ.
ހަމައެއާއެކު،
މީހެއްގެ ފަންނީ ގާބިލުކަމާއި އަޚުލާގީ މިންގަނޑަށް ބަލައި ވަޒަންކުރުމުގެ ބަދަލުގައި،
އަމިއްލަ ތައައްސުބާއި، ބޭރުފުށުގެ ސިފައަށް ބަލައި ގޮތް ނިންމަން ފެށުމަކީ އިންސާފާއި
މުއައްސަސާގެ އިތުބާރު ގެއްލޭ ކަމެކެވެ. މިފަދަ މާހައުލެއްގައި މުވައްޒަފުންގެ މެދުގައި
އޮންނަ އިތުބާރު ކުޑަވެ، އެކުވެރިކަން ގެއްލި، މުޅި މުއައްސަސާގެ މަގްސަދު ހާސިލުކުރުމުގެ
ބަދަލުގައި ކޮންމެ މީހަކުވެސް އަމިއްލަ މަސްލަހަތު އިސްކުރަން ފަށައެވެ. މިއީ ޖިބްރާންގެ
ޅެމުގައި ބަޔާންކޮށްފައިވާ "ބައިބައިވެފައިވާ ޤައުމެއްގެ" ތަސްވީރާ ދާދި
އެއްގޮތް ކަމެކެވެ.
ހިންގުމުގެ
ދާއިރާގެ ދިރާސާތަކުން ދައްކާ ގޮތުގައި، މިފަދަ ނުރަނގަޅު އާދަތަކަށް ޖާގަދޭ މުއައްސަސާތަކުގައި
މުވައްޒަފުންގެ މަސައްކަތުގެ ފޯކަސް ގެއްލި، ހާސްކަން ބޮޑުވެ، އެކަކު އަނެކަކާ ގުޅިގެން
މަސައްކަތްކުރުން ހުއްޓުމަކަށް އާދެއެވެ. ނަތީޖާއެއްގެ ގޮތުން، ރައްޔިތުންނަށް ދޭންޖެހޭ
ޚިދުމަތުގެ ފެންވަރު ދަށަށް ގޮސް، މުއައްސަސާގެ ބާރު އެތެރެއިން ބަލިކަށިވެއެވެ.
އާންމުކޮށް
ބުނެވޭ ގޮތުގައި ކޮންމެ މީހަކީވެސް ބަދަލު ކުރެވޭނެ މީހެކެވެ. ނަމަވެސް ހަގީގަތަކީ
އެއަށްވުރެ މާ ފުން ކަމެކެވެ. މީހެއްގެ ހުނަރާއި، ތަޖުރިބާއާއި، މުއައްސަސާގެ މަސައްކަތްތައް
ދަންނަ ދެނެގަތުމާއި، އަދި ތެދުވެރިކަމާއި ލީޑަރޝިޕްގެ ސިފަތަކަކީ ފަސޭހައިން އުފެއްދޭނެ
ކަންކަމެއް ނޫނެވެ.
މިފަދަ ގާބިލު
މީހުން މުއައްސަސާ ދޫކޮށް ދިއުމަކީ ހަމައެކަނި މަގާމެއް ހުސްވުމެއް ނޫނެވެ؛ އެއީ މުއައްސަސާގެ
މަސައްކަތުގެ ދުވެއްޔަށް ބުރޫ އަރައި، މުހިންމު މައުލޫމާތާއި ތަޖުރިބާ ގެއްލި، އަދި
ބާކީ ތިބޭ މުވައްޒަފުންނަށް ބުރަ ބޮޑުވާނެ ކަމެކެވެ. ވަގުތު ފާއިތުވަމުންދާ ވަރަކަށް،
މިކަމުގެ ސަބަބުން ޚިދުމަތުގެ ފެންވަރު ދަށްވެ، މުއައްސަސާގެ މޮޅުކަން ގެއްލިދާނެއެވެ.
މީގެ އިތުރުން،
މިފަދަ މައްސަލަތައް ހައްލުނުކުރެވޭ މާހައުލުތަކަށް އައު ފަންނުވެރިންނާއި ގާބިލު މީހުން
ޝައުގުވެރިކުރުވުމަކީ ދަތި ކަމެކެވެ. މުއައްސަސާއެއްގެ އަގު ހިފެހެއްޓެނީ އެތަނެއްގެ
ތެރޭގައި އޮންނަ ސަގާފަތުގެ މައްޗަށެވެ. ފަންނީ އަޚުލާގާއި ގާބިލުކަމަށް އިހުތިރާމް
ނުކުރެވޭ ތަނެއްގައި މަސައްކަތް ކުރަން ގާބިލު މީހުން ބޭނުމެއް ނުވާނެއެވެ.
އެހެންކަމުން،
ޖިބްރާންގެ ބަސްތަކުން ލިބޭ އެންމެ ބޮޑު ފިލާވަޅަކީ، ކަންކަން ގޯސްވަމުންދަނީ ކުއްލިއަކަށް
ނޫން ކަމާއި، އެއީ ނުރަނގަޅު ކަންކަމަށް ޖާގަދެވޭތީ ވާގޮތެއް ކަމެވެ. މިއީ ތެދުވެރިކަމާއި
ހަމަހަމަކަމުގެ މައްޗަށް ބިނާވެފައިވާ ލީޑަރޝިޕަކަށް ބޭނުންވާ ވަގުތެވެ. އިންސާފާއި،
އިހުތިރާމާއި، އަދި ފަންނީ އަޚުލާގަކީ އިޚުތިޔާރީ ކަމަކަށް ނުހަދައި، އެއީ ކޮންމެހެން
ހިފަހައްޓަންޖެހޭ މިންގަނޑުތަކެއް ކަމަށް ހެދުން މުހިންމެވެ.
މުއައްސަސާއެއްގެ
ސިފަ ކަނޑައެޅެނީ ހަމައެކަނި ލިޔެފައިވާ ގަވާއިދުތަކަކުން ނޫނެވެ، ޢަމަލީގޮތުން
ކުރާ މަސައްކަތުންނެވެ. ފުރުސަތުދޭ ކޮންމެ ކަމަކީ އާދަޔަކަށް ވެދެއެވެ. އަޅާނުލާ ދޫކޮށްލާ
ކޮންމެ ކަމަކީ އެތަނެއްގެ ބިންގަލުގައި ހަރުލާނެ ކަމެކެވެ. އެހެންކަމުން، ވަކި އަތަކަށް
ނުޖެހި، ހަމަހަމަކަމާއި އިންސާފާއެކު ދަމަހައްޓާ އުސޫލުތަކަކީ، އެ މުއައްސަސާއެއްގެ
ގަދަރާއި، ސާބިތުކަމާއި، އަދި މުސްތަގުބަލު ކަނޑައަޅާނެ އެންމެ މުހިންމު ބަހާއެވެ.
މި ހުރިހާ
ނުކުތާތަކަކަށް ރިޢާޔަތްކުރާއިރު، މުއައްސަސާއެއްގެ ދިރުމާއި ކުރިމަގު ބިނާވެފައިވަނީ
ހަމައެކަނި އެތަނެއްގެ އޮނިގަނޑާއި ގަވާއިދުތަކުގެ މައްޗަކަށް ނޫނެވެ. އޭގެ ބަދަލުގައި،
އެއީ އެ މުއައްސަސާއެއްގެ ތެރޭގައި ދެމެހެއްޓޭ އަގުތަކާއި، ކުރެވޭ އަމަލީ މަސައްކަތްތަކުގެ
މައްޗަށެވެ. ޚަލީލް ޖިބްރާންގެ ބަސްތަކުން ލިބޭ އެންމެ މުހިންމު ފިލާވަޅަކީ، ކޮންމެ
ބޮޑު ހީނަރުކަމަކީވެސް ކުދިކުދި އިހުމާލުތަކަކުން ފެށޭ ކަމެއް ކަމެވެ. މުއައްސަސާއެއްގެ
ހަގީގީ ރައުސްމާލަކީ އެތަނެއްގެ ގާބިލު، ތެދުވެރި އަދި އިޚްލާސްތެރި މުވައްޒަފުންނެވެ.
އެ މުވައްޒަފުންގެ އަގު ވަޒަންކުރެވި، އިންސާފާއި އިޙްތިރާމް ލިބޭނެކަމުގެ ޔަގީންކަން
އޮތުމަކީ މުއައްސަސާގެ ދެމެހެއްޓެނިވިކަމުގެ އަސްލެވެ. އެހެންކަމުން، ކޮންމެ މުއައްސަސާއަކުންވެސް
އިސްކަންދޭންވީ، ހަމައެކަނި ނަތީޖާ ހާސިލުކުރުމަކަށް ނޫނެވެ. އޭގެ ބަދަލުގައި، އިންސާފުވެރިކަމާއި،
މީހުންގެ ގަދަރާއި ކަރާމާތް ހިފެހެއްޓޭނެ ފަދަ، ހަރުދަނާ ސަގާފަތެއް ބިނާކުރުމަށެވެ.
ކޮންމެ މުއައްސަސާއަކަށްމެ،
އެތަނެއްގެ މުވައްޒަފުންނަށް ބަދަލުތައް ގެނައުމުގެ ފުރުސަތާއި އިޚްތިޔާރު ލިބިގެންވެއެވެ.
ނަމަވެސް، މުހިންމު ސުވާލަކީ މިފަދަ ބަދަލުތައް ގެނެވެނީ ކޮން އުސޫލަކުން، ކޮން އަގަކު،
އަދި އޭގެ ސަބަބުން މުއައްސަސާގެ ކުރިމަގަށް ކުރާނީ ކޮން ކަހަލަ އަސަރެއްތޯއެވެ؟ ވަކިފަރާތަކަށް
ޖެހުމާއި، ޒިންމާތަކަށް އިހުމާލުވުމާއި، ނުވަތަ ފަންނީ އަޚުލާގާ ޚިލާފު އަމަލުތަކަށް
މަސައްކަތުގެ މާހައުލުގައި ޖާގަދެވޭނަމަ، އެތަނަކުން ހަމައެކަނި ބީވެގެންދަނީ ވަކިވަކި
ފަރުދުންނެއް ނޫނެވެ. އޭގެ ބަދަލުގައި، އެ މުއައްސަސާއަކަށް ގެއްލިގެންދަނީ، އެންމެ
ހަރުދަނާ އުސޫލުތަކުގައި ހިފަހައްޓާ، އެންމެ ގާބިލު އަދި އެންމެ އިޚްލާސްތެރި މުވައްޒަފުންނެވެ.
އެއީ އެއްވެސް ދެއްކުންތެރިކަމެއް ނެތި، މުއައްސަސާގެ މިންގަނޑުތައް ނަގަހައްޓައި،
ތަނުގެ މަސްލަހަތު ކުރިއަރުވަން މަސައްކަތްކުރާ މީހުންނެވެ.
މިފަދަ އިޚްލާސްތެރި
މުވައްޒަފުން މުއައްސަސާއިން ވަކިވެގެންދާއިރު، އެތަނުގައި ބާކީ އޮންނާނީ ސާބިތުކަމެއް
ނޫނެވެ. އޭގެ ބަދަލުގައި އޮންނާނީ ދުވަހުން ދުވަހަށް ގިރެމުންދާ އުސޫލުތަކެވެ. ވަގުތު
ފާއިތުވަމުންދާ ވަރަކަށް، މުއައްސަސާގެ ކުރިއެރުމުގެ އަސްލަކީ ގާބިލުކަމާއި ތެދުވެރިކަން
ކަމުގައި ވުމުގެ ބަދަލުގައި، އެއީ ނުރަނގަޅު ކަންކަމަށް ދޫދިނުމާއި ހަނުހުރުން ކަމުގައި
ބަދަލުވެގެންދެއެވެ. "ޕިޓީ ދަ ނޭޝަން" ގައި ހަނދާންކޮށްދޭ ފަދައިން، މުއައްސަސާއެއް
ނުވަތަ ގައުމެއް ބަލިކަށިވުމަކީ ކުއްލިއަކަށް ވާކަމެއް ނޫނެވެ. އެއީ މުޖުތަމަޢުގައި
ގަބޫލުކުރެވޭ ނުރަނގަޅު އާދަތަކާއި، އަޅާނުލާ ދޫކޮށްލެވޭ ކުށްތަކާއި، އަދި އިސްލާހު
ނުކުރެވި ހުންނަ މައްސަލަތަކުން އުފަންވާ ނަތީޖާއެކެވެ. އެހެންކަމުން، ލީޑަރޝިޕްގެ
ހަގީގީ މިނެކިރުމަކީ ވަކިވެގެންދާ މީހުންގެ ބަދަލުގައި އެހެން ބަޔަކު ހޯދުމެއް ނޫނެވެ.
އޭގެ ބަދަލުގައި، އެންމެ ގާބިލު މީހުން މުއައްސަސާގައި މަޑުކޮށް، ތަނަށް ޚިދުމަތްކޮށް،
އިސްނެގުމަށް ބޭނުންވާނެ ފަދަ ފަންނުވެރި ބިނާކުރެނިވި ކުރިއެރުން ގެނެސްދޭމާހައުލެއް
ބިނާކުރުމެވެ. އެއީ ކޮންމެ މުވައްޒަފަކަށްމެ އެމީހެއްގެ ހަގީގީ އަގު ވަޒަންކުރެވޭނެކަމުގެ
ފުރިހަމަ ޔަގީންކަން އޮތުމެވެ.
ކޮންމެ މުއައްސަސާއަކީވެސް
އެތަނެއްގެ ރައްޔިތުންނާއި މުވައްޒަފުންގެ މޫނުބަލާ ލޯގަނޑެވެ. އެ ލޯގަނޑުން ފެންނަ
ތަސްވީރު ރީތިކުރެވޭނީ، މިއަދު އަޅާނުލާ ދޫކޮށްލެވޭ ކޮންމެ ނުރަނގަޅު ޢަމަލަކީ މާދަމާގެ
ބޮޑު ބަލިމަޑުކަމެއްގެ ފެށުންކަން ގަބޫލުކޮށް، ވަގުތުން އިސްލާހީ ފިޔަވަޅު އަޅައިގެންނެވެ.
ޤައުމެއް ނުވަތަ މުއައްސަސާއެއް ބިނާކުރެވޭނީ، ހަނުހުރުމުގެ ބަދަލުގައި ހަގީގަތް ހާމަކޮށް،
ބައިބައިވުމުގެ ބަދަލުގައި އެކަތިގަނޑަކަށް ވެގެންނެވެ.
މުއައްސަސާއެއްގެ ހިންގުން ހަރުދަނާކޮށް، ކުރިއެރުން ހޯދުމަކީ ހަމައެކަނި އެތަނެއްގެ އިސްވެރިންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ނޫނެވެ. އެއީ އެ މުއައްސަސާއެއްގައި މަސައްކަތްކުރާ އެންމެހާ މުވައްޒަފުންގެ ބައިވެރިވުމާއި އިޚްލާސްތެރިކަން ބޭނުންވާ ކަމެކެވެ. ކޮންމެ މުވައްޒަފަކީވެސް އެ މުއައްސަސާގެ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރާ، އެތަނުގެ ކާމިޔާބީގެ ހިއްސާދާރެކެވެ. މުއައްސަސާގެ އުސޫލުތައް ނަގަހައްޓައި، ނަޒާހަތްތެރިކަމާއެކު މަސައްކަތްކުރުމަކީ ކޮންމެ ފަރުދެއްގެވެސް އަމިއްލަ ވާޖިބެކެވެ. ތަނެއް އިސްލާހުވެ، ކުރިއަރައިދާނީ އެންމެން އެކުގައި އެއް އަމާޒަކަށް މަސައްކަތްކޮށް، ނުރަނގަޅު ކަންކަން އިސްލާހުކުރުމަށް ފަރުދީ ފެންވަރުގައިވެސް ހިތްވަރު ދައްކައިގެންނެވެ. މުވައްޒަފުންގެ ހިންގުންތެރިކަމާއި އިސްނެގުމަކީ މުއައްސަސާއެއްގެ ދިރުމެވެ.
އާންމު ޚިދުމަތް ނުވަތަ ޕަބްލިކް ސާރވިސްގެ މައިގަނޑު ތަނބަކީ ރައްޔިތުންގެ އިތުބާރެވެ. އެ އިތުބާރު ދެމެހެއްޓޭނީ ވަޒީފާގެ ކުރިއެރުމާއި ފުރުސަތުތަކަކީ ހަމައެކަނި ގާބިލުކަމާއި ނަޒާހަތްތެރިކަމުގެ މައްޗަށް ބިނާވެފައިވާ ކަންކަން ކަމުގައި ވެގެންނެވެ. މުއައްސަސާއެއްގެ އެތެރޭގެ ހިންގުން ބަލިކަށިވެ، އިންސާފުވެރިކަން ގެއްލިގެންދާ ހިނދު، އޭގެ ސީދާ އަސަރު ކުރަނީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރަށެވެ. އެހެންކަމުން، އާންމު ޚިދުމަތުގެ ދާއިރާގައި މަސައްކަތްކުރާ ކޮންމެ މީހަކީ، ވަކި މީހަކަށް ބެލުމެއް ނެތް، އަމާނާތްތެރި އަދި ޒިންމާދާރު މީހަކަށް ވުން މަޖުބޫރެވެ. ގައުމެއް ބިނާކުރުމުގެ ނުވަތަ ނޭޝަން ބިލްޑިންގގެ އެންމެ މުހިންމު ބަހާއަކީ ހަރުދަނާ މުއައްސަސާތަކެއް ގާއިމުކުރުމެވެ. ގައުމެއްގެ ކުރިމަގު ބިނާވަނީ އެ ގައުމެއްގެ މުއައްސަސާތަކުން ނަގަހައްޓާ މިންގަނޑުތަކާއި، އެތަންތަނުން އުފައްދާ ފަންނީ ގާބިލު މީހުންގެ މައްޗަށެވެ. ތަހުޒީބު މުޖުތަމައެއް ބިނާކުރެވޭނީ، ބައިބައިވުމުގެ ބަދަލުގައި އެކަތިގަނޑަކަށް ވެގެން، ކުރިއަށް ދިއުމުގެ ރޫޙް އިސްކޮށްގެންނެވެ. މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ހިފެހެއްޓުމަކީ ހަމައެކަނި އިދާރީ ހިންގުމެއް ނޫނެވެ؛ އެއީ ގައުމުގެ ބިންގާ ވަރުގަދަކުރުމަށްޓަކައި ކުރެވޭ އެންމެ މުހިންމު ގައުމީ މަސައްކަތެވެ.
Comments
Post a Comment